އަމިއްލަ ތަރުޖަމާ
ސިކުނޑި
ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންނަށް ވިސްނިފައިވާ ގޮތުގައި، ލޯބިކަމަށް ބުނާ އެއްޗެއްގެ މާނަ ފުރިހަމަގޮތުގައި ވިސްނޭނީ، ސިކުނޑީގެ މައްސަލަ ފުރިހަމަ ގޮތެއްގައި ދެނެގަނެވިގެންނެވެ.
ސިކުނޑިއަކީ ސިކުނޑިކަމަށް ހީކުރާ މީހުންނަށް ވަރަށްބޮޑު ގޯހެއް ހެދިއްޖެއެވެ. ސިކުނޑިއަކީ ހަކަތައެކެވެ. ވަރަށް ސާފު އެއްޗެކެވެ. މާއްދާއިން މިނިވަންވެގެން ހުރެވޭނެ އެއްޗެކެވެ. ނިދާލެވިފައި އޮންނަ ހާލަތުގައި ނުވަތަ އާދައިގެ ނިދީގެ ތެރޭގައި ދުރުދުރުގައި ހުންނަ ތަންތަނަށް ދަތުރުކޮށް އެތަންތާނގައި ހިނގާ ކަންތައްތައް ބަލާ އަޑުއިވޭނެއެވެ.
ޕެރަސައިކޮލޮޖީގެ ލެބޯޓްރީތަކުގައި ނިދާލެވިފައިވާ މީހުން ބޭނުންކޮށްގެން ފާހަގަ ކުރެވޭފަދަ ތަޖުރިބާތައް ކުރެވެއެވެ.
ނިދާލެވިފައިވާ ގިނަ މީހުންނަށް އެމީހުންގެ ނިދީގެ ހާލަތުގައި ދުރުދުރުގައި ހިނގާ ކަންތައްތަކާއި މީހުންނާއި ހާލަތުތަކުގެ ތަފްސީލްތައް ވަރަށް ސާފުކޮށް ބުނެދީފައވެއެވެ.
އެތަޖުރިބާތަކަށްފަހު ސައިންސްވެރިންނަށް އެ މައުލޫމާތުގެ ހަގީގަތް ޔަގީންކުރެވިފައިވެއެވެ. ހަގީގަތްތަކާއި ހިނގާފައިވާ ކަންތައްތަކުގެ ސައްހަކަން ޔަގީންކުރެވިފައިވެއެވެ.
ޕެރަސައިކޮލޮޖީގެ ލެބޯޓްރީތަކުގެ މި ތަޖުރިބާތަކުން ސާބިތުވަނީ ސިކުނޑިއަކީ ސިކުނޑި ނޫންކަމެވެ.
ހަގީގަތުގައި އަޅުގަނޑުމެންނަށް ޔަގީންކަމާއެކު ބުނެވޭނީ ސިކުނޑިއަކީ ވަގުތާއި ތަނުގެ ތެރެއިން ދަތުރުކުރެވޭ އެއްޗެއްކަމާއި، ދުރުގައި ހުންނަ ތަންތާނގައި ހިނގާ ކަންތައްތައް ބަލާ އަޑުއިވޭނެ އެއްޗެއްކަމެވެ.
އިހުސާސްތަކުގެ އިތުރުން އިހުސާސްކުރެވޭ ކަންތައްތައް މިހާރު ވަރަށް ސާފުކޮށް ސާބިތުވެއްޖެއެވެ. އެކަމާ ދެކޮޅުހަދަން ހިތަށްއަރާނީ މޮޔައަކަށް ނުވަތަ މޮޔައަށްވުރެންވެސް މޮޔަ މީހަކަށެވެ.
ސިކުނޑި އުފެދިފައިވަނީ ވިސްނުންތައް އުފެއްދުމަށްޓަކައެވެ. އެކަމަކު އެއީ ވިސްނުމެއް ނޫނެވެ. ސިކުނޑިއަކީ ހަމައެކަނި ސިކުނޑީގެ ވަސީލަތެކެވެ. އެއީ ސިކުނޑިއެއް ނޫނެވެ.
އަޅުގަނޑުމެންނަށް ސިކުނޑި ވަރަށް ފުންކޮށް ދިރާސާކުރަން އެބަޖެހެއެވެ. ހަގީގަތުގައި އަޅުގަނޑުމެން ލޯބިކަމަށް ބުނާ އެއްޗެއް ފުރިހަމަގޮތުގައި ދެނެގަންނަން ބޭނުންވާނަމަ އެކަން ކުރަން އެބަޖެހެއެވެ.
ކުދިކުދިކުދިންނާއި ޒުވާނުންގެ ސިކުނޑި މާ ލުއިފަސޭހައެވެ. މާ އަވަސްއަވަހަށް ކަންކަން ދެނެގަނެއެވެ. މާ ހުޝިޔާރެވެ.
ގިނަ ކުދިންނާއި ޒުވާނުން އެކިއެކި ކަންތައްތަކާއިމެދު މައިންބަފައިންނާއި މުދައްރިސުންނަށް ސުވާލުކުރުމަށް ވަރަށް ޝައުގުވެރިވެއެވެ. އެކުދިންނަށް އިތުރަށް އެނގެން ބޭނުންވެއެވެ. އެހެންވެ ސުވާލުކުރަނީއެވެ. ކަންކަން ދިރާސާކޮށް ބަލަނީއެވެ. ބޮޑެތިމީހުން އަޅާނުލާ ނުވަތަ ފާހަގަނުކުރާ ކަންތައްތައް އެކުދިންނަށް ފާހަގަވެއެވެ.
އަހަރުތައް ފާއިތުވަމުންދާ ވަރަކަށް، އުމުރުން ދުވަސްވަމުންދާ ވަރަކަށް، ސިކުނޑި މަޑުމަޑުން ގަނޑުވަމުންދެއެވެ.
އުމުރުން ދުވަސްވީ މީހުންގެ ސިކުނޑި ހުންނަނީ ސާބިތުވެފައި، ގަނޑުވެފައެވެ. ދެން އެއަށް ބަދަލެއް ނާދެއެވެ.
އުމުރުން މުސްކުޅިވީމައި އެމީހުން އެގޮތަށް ތިބޭނީއެވެ. އެގޮތަށް މަރުވާނީއެވެ. އެމީހުން ކޮންމެ ކަމަކާވެސް ކުރިމަތިލާނީ އެއްގޮތަކަށެވެ.
މުސްކުޅިވުމުން ސިކުނޑިއަށް އަންނަ ބަދަލުތަކާއި، އެމީހުންގެ ހަރުކަށި ވިސްނުންތަކާއި، ބަދަލުނުވާ ހިޔާލުތަކާއި އެކަންތައްތައް ހުންނަނީ އެއްކޮށް ހިލައެއްގެ ސިފައިގައެވެ. އެއްގޮތަކަށްވެސް ބަދަލުނުވާ ގަލެއްގެ ސިފައިގައެވެ. އެހެންވެ އާންމު ބަހެއް އޮވެއެވެ. “އުފަންވީ ގޮތަށް މަރުވާނީއެވެ.”
މުދައްރިސުންނާއި މުދައްރިސާތުން ދަރިވަރުންގެ ޝަހުސިއްޔަތު އުފެއްދުމަށް ހަވާލުވެގެން ތިއްބަވާތީ، އެމީހުން ސިކުނޑި ވަރަށް ފުންކޮށް ދިރާސާކުރުން މުހިއްމެވެ. އެއީ އައު ޖީލުތަކަށް ބުއްދިވެރިގޮތަކަށް މަގުދައްކާދެވޭތީއެވެ.
ވަގުތުތަކާއެކު ސިކުނޑި މަޑުމަޑުން ގަނޑުވަމުންދާގޮތް ފުންކޮށް ދެނެގަތުމަކީ ހިތާމަވެރިކަމެކެވެ.
ސިކުނޑިއަކީ ހަގީގީ ކަންތައްތައް މަރާލާ އެއްޗެކެވެ. ތެދުވެރިކަން ނަގާލާ އެއްޗެކެވެ. ސިކުނޑި ލޯބި ނަގާލައެވެ.
އުމުރުން ދުވަސްވެފައިވާ މީހަކަށް ދެނެއް ލޯބިވެވޭކަށް ނެތެވެ. އެއީ އޭނާގެ ސިކުނޑި ވޭންދެނިވި ތަޖުރިބާތަކާއި، ހަރުކަށި ވިސްނުންތަކާއި، ދަގަނޑުފަދަ ހިޔާލުތަކުން ފުރިފައިވާތީއެވެ.
އެކިތަންތާނގައި އުމުރުން ދުވަސްވެފައިވާ މީހުންތިބެއެވެ. އެމީހުން އަދިވެސް ލޯބިވެވޭނެކަމަށް ހީކުރެއެވެ. އެކަމަކު އެމީހުންގެ ކިބައިން ފެންނަނީ ޖިންސީ އެދުންވެރިކަމެވެ. އެއެދުންވެރިކަމާއި ލޯބި އެއްކޮށް އޮޅުވާލަނީއެވެ.
ހުރިހާ އުމުރުން ދުވަސްވީ ފިރިހެނުންނާއި އަންހެނުން މަރުވުމުގެ ކުރިން ވަރަށް ބޮޑެތި ޖިންސީ އެދުންވެރިކަމުގެ ތެރެއިން ދަތުރުކުރެއެވެ. އެއީ ލޯބިކަމަށް ހީކުރަނީއެވެ.
އުމުރުން ދުވަސްވީ މީހުންގެ ލޯތްބަކީ ނުވާނެކަމެކެވެ. އެއީ ސިކުނޑިން އެމީހުންގެ ސިކުނޑީގެ ބަލިތަކާއި ސާބިތު ވިސްނުންތަކާއި ހަރުކަށި ހިޔާލުތަކާއި އީރަޝްވެރިކަމާއި ތަޖުރިބާތަކާއި ހަނދާންތަކާއި ޖިންސީ އެދުންވެރިކަންފަދަ ކަންތައްތަކުގެ ސަބަބުން އެލޯބި ނެތިކޮށްލާތީއެވެ.
ސިކުނޑިއަކީ ލޯތްބަށް އޮތް އެންމެ ނުބައި ދުޝްމަނެވެ. މާބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގައި ލޯތްބެއް ނުހުރެއެވެ. އެހެންވެ އެތަންތާނގެ މީހުންގެ ސިކުނޑިތަކުން ވަހު ދުވަނީ ފެކްޓްރީތަކާއި ބޭންކު އެކައުންޓުތަކާއި ޕެޓްރޯލާއި ފިލްމު ފަދަ ތަކެތީގެއެވެ.
ސިކުނޑިތަކަށް އެތައް ފުޅިއެއް އެބަހުއްޓެވެ. ކޮންމެ މީހެއްގެވެސް ސިކުނޑި ރަނގަޅަށް ބަންދުކުރެވިފައި އެބަހުއްޓެވެ.
ބަޔަކުމީހުންގެ ސިކުނޑިތައްވަނީ ނުބައިކަންބޮޑު ކޮމިއުނިޒަމްގެ ތެރޭގައި ބަންދުކުރެވިފައެވެ. އަނެއްބަޔަކުމީހުންގެ ސިކުނޑިތައް ވަނީ ރަހުމްކުޑަ ކެޕިޓަލިޒަމްގެ ތެރޭގައި ބަންދުކުރެވިފައެވެ.
ބަޔަކުމީހުންގެ ސިކުނޑިތައް ވަނީ އީރަޝްވެރިކަމާއި ނަފްރަތާއި މުއްސިކޮވުމުގެ އެދުމާއި މުޖުތަމައުގައި މަތީ މަގާމެއް ހޯދުމާއި މާޔޫސްވުމާއި ވަކި މީހުންނަށް ލޯބިކުރުމާއި އަމިއްލަ ވޭންތަކަށް ލޯބިކުރުމާއި އާއިލާގެ މައްސަލަތަކުގެ ތެރޭގައި ބަންދުކުރެވިފައެވެ.
މީހުން ސިކުނޑި ބަންދުކުރަން ވަރަށް ޝައުގުވެރިވެއެވެ. ފުޅިތައް ތަޅާލަން ހަގީގީ ގޮތުން ނިންމާ މީހުން މަދެވެ.
އަޅުގަނޑުމެން ސިކުނޑި މިނިވަންކުރަން ޖެހެއެވެ. އެކަމަކު މީހުންނަށް އަޅުވެތިވުން ކަމުދެއެވެ. ސިކުނޑި ރަނގަޅަށް ބަންދުކުރެވިފައި ނުވާ މީހަކު ހޯދުމަކީ ދުނިޔޭގައި ވަރަށް މަދުކަމެކެވެ.
މުދައްރިސުން އެމީހުންގެ ދަރިވަރުންނަށް މިހުރިހާ ކަންތައްތަކެއް އުނގަންނަވަން ޖެހެއެވެ. އެމީހުންގެ އަމިއްލަ ސިކުނޑި ދިރާސާކުރުމަށް އައު ޖީލުތަކަށް އުނގަންނަވަން ޖެހެއެވެ. އެއަށް ބަލަން އުނގަންނަވަން ޖެހެއެވެ. އެއަށް ވިސްނަން އުނގަންނަވަން ޖެހެއެވެ. އެހެންވީމާ ސިކުނޑި ގަނޑުވިޔަ ނުދީ ސަލާމަތްކުރެވޭނެއެވެ.
ދުނިޔެ ބަދަލުކުރެވޭނީ ހަމައެކަނި ލޯބިކަމަށް ބުނާ އެއްޗަކުންނެވެ. އެކަމަކު ސިކުނޑި ލޯބި ނެތިކޮށްލައެވެ.
އަޅުގަނޑުމެން އަމިއްލަ ސިކުނޑި ދިރާސާކުރަން ޖެހެއެވެ. އެއަށް ބަލަން ޖެހެއެވެ. ފުންކޮށް ތަހުގީގުކުރަން ޖެހެއެވެ. ހަގީގަތުގައި އެއަށް ވިސްނަން ޖެހެއެވެ. އެހެންވީމާ ހަމައެކަނި އަމިއްލަ ނަފްސަށް ވެރިވެގަނެވޭނީއެވެ. އަމިއްލަ ސިކުނޑިއަށް ވެރިވެގަނެވޭނީއެވެ. އަދި ލޯބި މަރާލާ އެއްޗެއް މަރާލައި ހަގީގަތުގައި އުފާވެރިވާނީއެވެ.
ލޯބި ލިބޭނެކަމަށް ހީކޮށް ހުވަފެން ދެކެދެކެ ތިބޭ މީހުންނަށް، ލޯބީގެ މަޝްރޫއުތައް ހަދަހަދާ ތިބޭ މީހުންނަށް، ލޯބި އޮޕަރޭޓްވާނީ އެމީހުންގެ ރުހުމާއި ނުރުހުމާއި މަޝްރޫއުތަކާއި ހުވަފެންތަކާއި އުސޫލުތަކާއި ހަރުކަށި ވިސްނުންތަކާއި ހަނދާންތަކާއި ތަޖުރިބާތަކާއި އެއްގޮތަށްކަމަށް ބުނާ މީހުންނަށް ދުވަހަކުވެސް ލޯތްބަކީ ކޮބައިކަމެއް ނޭނގޭނެއެވެ. ހަގީގަތުގައި އެމީހުން ވެފައިވަނީ ލޯބީގެ ދުޝްމަނުންނަށެވެ.
ތަޖުރިބާތައް އެއްކުރުމުގެ ހާލަތުގައި ސިކުނޑިން ކުރާ ކަންތައްތަކަކީ ކޮބައިކަން ފުރިހަމަގޮތެއްގައި ދެނެގަތުން މުހިއްމެވެ.
ގިނަފަހަރު މުދައްރިސުން ރަނގަޅަށް ނަސޭހަތްދެއެވެ. އެކަމަކު ބައެއްފަހަރު މޮޔަކަމުން އެއްވެސް ސަބަބެއްނެތި ނަސޭހަތްދެއެވެ. ދަރިވަރުންނަށް އިންސާފުނުވެރިކޮށްދޭ ކޮންމެ ނަސޭހަތެއް ދަރިވަރުންގެ ސިކުނޑީގައި ހަރުލާނެކަން ނުދެނެއެވެ. އެފަދަ ގޯސް އަމަލެއްގެ ނަތީޖާއަކަށް ވަނީ މުދައްރިސަށް އޮންނަ ލޯބި ގެއްލިގެންދިއުމެވެ.
ސިކުނޑި ލޯބި ނެތިކޮށްލައެވެ. މިކަން ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ މުދައްރިސުން ދުވަހަކުވެސް ހަނދާންނައްތާންވާނެއެވެ.
ލޯބި ނެތިކޮށްލާ ހުރިހާ ސިކުނޑީގެ ކަންތައްތައް ފުންކޮށް ދެނެގަތުން މުހިއްމެވެ.
އާއިލާގެ މީހަކަށްވީމައި ފުދޭވަރެއް ނުވެއެވެ. ލޯބިވާން އެނގެން ޖެހެއެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށް ލޯބިވާކަމަށް ހީކުރަނީ އެމީހުންގެ ދަރިން ތިބީމައެވެ. އެއީ އެމީހުންގެ ދަރިން ކަމަށްވާތީއެވެ. އެމީހުންގެ މިލްކިއްޔާތެއްކަމަށްވާތީއެވެ. ސައިކަލެއް ނުވަތަ ކާރެއް ނުވަތަ ގެއެއް ލިބުނުހެންނެވެ.
މިލްކުވެރިވުމާއި ބަރޯސާވުމުގެ އިހުސާސް ލޯބިކަމަށް އޮޅުންއަރާފާނެއެވެ. އެކަމަކު ދުވަހަކުވެސް އެއީ ލޯބިވެއް ނުވާނެއެވެ.
ސްކޫލަކީ އަޅުގަނޑުމެންގެ ދެވަނަ ގެކަމަށްވާތީ އެތާގެ މުދައްރިސުން އެމީހުންގެ ދަރިވަރުންނަށް ލޯބިވާކަމަށް ހީކުރަނީ އެކުދިން އެމީހުންނަށް ނިސްބަތްވާތީއެވެ. އެމީހުންގެ މިލްކިއްޔާތެއް ކަމަށްވާތީއެވެ. އެއީ ލޯތްބެއްނޫނެވެ. މިލްކުވެރިވުމާއި ބަރޯސާވުމަކީ ލޯތްބެއްނޫނެވެ.
ސިކުނޑި ލޯބި ނެތިކޮށްލައެވެ. ސިކުނޑީގެ ގޯސްވިއުގަތައް ދެނެގަނެގެން އެއާއި ވިސްނާގޮތް ގޯސްވުމާއި އާދަތައް ގޯސްވުމާއި އޮޓޮމެޓިކް ކަންތައްތައް ކުރުމާއި މެކޭނިޒަމާއި ކަންތައްތައް ބަލާގޮތް ގޯސްވުންފަދަ ކަންތައްތައް ދެނެގަނެގެން ހަގީގަތުގައި ވަގުތަށް ނިސްބަތްނުވާ ލޯބި ތަޖުރިބާކޮށް އިހުސާސްކުރެވޭނީއެވެ.
އަމިއްލަ މެޝިނުގެ ބައެއްކަމަށް ލޯބި ހަދަންބޭނުންވާ މީހުންނަށް ނުވަތަ އަމިއްލަ ހަރުކަށި ހިޔާލުތަކާއި އެދުންތަކާއި ބިރުވެރިކަމާއި ދިރިއުޅުމުގެ ތަޖުރިބާތަކާއި ކަންތައްތައް ދެކޭގޮތް ގޯސްވުމާއި ވިސްނާގޮތް ގޯސްވުމުގެ ސަބަބުން ގޯސް މަގުތަކުން ލޯބި ހިނގާކަމަށް ބުނާ މީހުންނަށް ލޯބި ގެއްލިގެންދާނީއެވެ. އެއީ އެއްވެސްއިރަކު އެކަންތައްތައް މަނާނުކުރެވޭނެތީއެވެ.
އަހަރެން ބޭނުންވާގޮތަށް އަހަރެން އެދޭގޮތަށް އަހަރެން ވިސްނާގޮތަށް ލޯބި މަސައްކަތްކުރާނެކަމަށް ބުނާ މީހުންނަށް ލޯބި ގެއްލިގެންދާނީއެވެ. އެއީ ލޯބީގެ އިލާހު ކިޔުޕިޑް ދުވަހަކުވެސް އަމިއްލަ ނަފްސު އަޅުވެތިކުރުމަށް ތައްޔާރަށް ނުހުންނާތީއެވެ.
ލޯތްބަށްޓަކައި އަމިއްލަ ނަފްސާއި ލޯބިވެރިކަން ނައްތާލަން އެބަޖެހެއެވެ.
އަމިއްލަ ނަފްސަކީ ހަނދާންތަކާއި އެދުންތަކާއި ބިރުވެރިކަމާއި ނަފްރަތާއި ޝައުގުވެރިކަމާއި ތަޖުރިބާތަކާއި އަމިއްލަ އެދުންތަކާއި ޙަސަދަވެރިކަމާއި ދަހިވެތިވުމާއި ޖިންސީއެދުންވެރިކަމުގެ އެއްޗެކެވެ.
ކޮންމެ ސިފައެއް ވަކިން ދެނެގެން ހަމައެކަނި ސިކުނޑީގެ ބުއްދިވެރި ސަރަހައްދުން އެކަންތައްތައް ދިރާސާކޮށް ބަލައިގެން ނުވާނެއެވެ. ސިކުނޑީގެ ދަށް ހޭލުންތެރި ހުރިހާ މިންގަނޑެއްވެސް ބަލަން އެބަޖެހެއެވެ. ކޮންމެ ސިފައެއް މަޑުމަޑުން ނެތިގެންދާނެއެވެ. ކޮންމެ ވަގުތަކު މަރުވަމުންދާނެއެވެ. އެގޮތަށް އަދި ހަމައެގޮތަށް އަމިއްލަ ނަފްސު ނެތިކޮށްލެވޭނެއެވެ.
އަމިއްލަ ނަފްސުގެ ނުބައި ފުޅީގެތެރޭގައި ލޯބި ބަންދުކުރަން ބޭނުންވާ މީހުންނަށް ލޯބި ގެއްލިގެންދާނެއެވެ. އެމީހުންނަށް ލޯބި ނުލިބޭނެއެވެ. އެއީ ލޯބި ދުވަހަކުވެސް ބަންދުނުކުރެވޭނެތީއެވެ.
ދެރަގޮތަކީ މީހުން ބޭނުންވަނީ ލޯބި އެމީހުންގެ އާދަތަކާއި އެދުންތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލުކުރާނެ ގޮތެވެ. މީހުން ބޭނުންވަނީ ލޯބި އެމީހުންގެ ނަފްސަށް ކިޔަމަންވާނެ ގޮތެވެ. އެއީ އެއްގޮތަކަށްވެސް ނުވާނެކަމެކެވެ. އެއީ ލޯބި އަމިއްލަ ނަފްސަށް ކިޔަމަނުވާތީއެވެ.
ލޯބިވެރިންނަށް ނުވަތަ ޖިންސީގޮތުން ގުޅުންހިންގާ މީހުންނަށް ލޯބި އެމީހުންގެ އެދުންތަކާއި ހަވާނަފްސާއި ގޯސްކަންތައްތަކުގެ މަގުން ހިނގާނެކަމަށް ހީކުރެވެއެވެ. އެމީހުން ތިބެނީ ވަރަށްބޮޑު ގޯހެއްގެ ތެރޭގައެވެ.
ލޯބިވެރިން ނުވަތަ ޖިންސީގޮތުން ގުޅުންހިންގާ މީހުން ބުނާނެ ދެމީހުންނާއިމެދު ވާހަކަދައްކާބަލާށެވެ. ދެން އަންނާނީ ވާހަކަތަކާއި މަޝްރޫއުތަކާއި ހާސިލްކުރަންބޭނުންވާ ކަންތައްތަކާއި ނަފްސުގެ އެދުންތަކެވެ. ކޮންމެ މީހަކުވެސް އެއްޗެއް ބުނާނެއެވެ. އޭނާގެ މަޝްރޫއުތަކާއި އެދުންތައް ހާމަކުރާނެއެވެ. އޭނާ ދިރިއުޅުން ދެކޭގޮތް ބުނާނެއެވެ. އަދި ލޯބި ދުއްވާރޭލެއްހެން ސިކުނޑިން ކުރަހާފައިވާ ދަގަނޑު މަގުތަކުގައި ދުއްވަން ބޭނުންވާނެއެވެ.
އެ ލޯބިވެރިންނަށް އެކަން ނުކުރެވޭނެއެވެ. އެމީހުން ހަގީގަތާ ދުރުގައި ތިބޭނީއެވެ.
ލޯބި އަމިއްލަ ނަފްސަށް ކިޔަމަނުވާނެއެވެ. ކާވެނިކޮށްގެން އުޅޭ މީހުން އެކަންކުރަން އުޅުނަސް ދެމަފިރިން ދެރަކޮށްފައި އެދާނެއެވެ.
ސިކުނޑީގައި މީހުން އަޅާކިޔުމުގެ ނުބައި އާދަތަކެއް ހުރެއެވެ. ފިރިހެނުން އަންހެނުން އަޅާކިޔައެވެ. އަންހެނުން ފިރިހެނުން އަޅާކިޔައެވެ. މުދައްރިސުން ދަރިވަރުން އަޅާކިޔައެވެ. އެއެންމެންނަކީވެސް ލޯބި ހައްގުވާ މީހުންނެވެ. ހަގީގަތުގައި އަޅާކިޔުމަކީ ނުބައިކަމެކެވެ.
އެއް އިރުއޮއްސުމެއް އަނެއް އިރުއޮއްސުމަކާއި އަޅާކިޔާ މީހަކަށް އޭނާގެ ކުރިމަތީގައި ހުރި ރީތިކަމެއްގެ އަސްލު މާނައެއް ނޭނގޭނެއެވެ.
އެއް ފަރުބަދަ އަނެއް ފަރުބަދައާއި އަޅާކިޔާ މީހަކަށް އޭނާގެ ކުރިމަތީގައި ހުރި ރީތި ފަރުބަދައެއްގެ އަސްލު މާނައެއް ނޭނގޭނެއެވެ.
އަޅާކިޔުމެއް ވުޖޫދުވާތަނެއްގައި ހަގީގީ ލޯތްބެއް ނުހުންނާނެއެވެ. ހަގީގަތުގައި އެމީހުންގެ ދަރިންނަށް ލޯބިވާ މައިންބަފައިން އެކުދިން އެހެންމީހުންނާއި އަޅާނުކިޔާނެއެވެ. އެމީހުން އެކުދިންދެކެ ލޯބިވާނެއެވެ. އެއީ ހަމައެކަނި އެކަންކުރާނެ ގޮތެވެ.
އޭނާގެ އަންބިމީހާއަށް ހަގީގަތުގައި ލޯބިވާ ފިރިމީހާ އެހެންމީހަކާއި އަޅާކިޔައިގެން އެކުށް ނުކުރާނެއެވެ. އޭނާ ހަމައެކަނި ލޯބިވާނީއެވެ. އެއީ ހަމައެކަނި އެކަންކުރާނެ ގޮތެވެ.
އެމީހުންގެ ދަރިވަރުންނަށް ލޯބިވާ މުދައްރިސުން އެކުދިން ތަފާތުނުކުރާނެއެވެ. އެކުދިން އެއްކުއްޖަކު އަނެއްކުއްޖަކާއި އަޅާނުކިޔާނެއެވެ. އެމީހުން ހަގީގަތުގައި ލޯބިވާނެއެވެ. އެއީ ހަމައެކަނި އެކަންކުރާނެ ގޮތެވެ.
ސިކުނޑި އަޅާކިޔުމުގެ ސަބަބުން ބައިބައިވެފައި، ސިކުނޑި ދެގޮތެއް އިހުތިޔާރުކުރުމަށް އަޅުވެތިވެ، ލޯބި ނެތިކޮށްލާނެއެވެ.
ދެކޮޅުވެރިކަމުގެ ސަބަބުން ސިކުނޑި ބައިބައިވެގެން އައުކަމެއް ދެނެގަތުމަށް ނުކުޅޭނެއެވެ. ގަނޑުވެ ސާބިތުވެގެން ހުންނާނެއެވެ.
ސިކުނޑީގެ އެތައް ފުންމިނެއް އެބަހުއްޓެވެ. ސަރަހައްދުތަކެއް އެބަހުއްޓެވެ. ސިކުނޑީގެ ދަށުގައިވާ ބިންތަކެއް އެބަހުއްޓެވެ. ރެކޮވެކެއް އެބަހުއްޓެވެ. އެންމެ ރަނގަޅީ އެސެންސްއެވެ. ހޭލުންތެރިވުމެވެ. މަރުކަޒުގައި ހުރުމެވެ.
ދެގޮތެއް އިހުތިޔާރުކުރުން ނިމުމަކަށް އަންނައިރު ސިކުނޑި ފުރިހަމަވެ ސާބިތުވެ ހަމަހިމޭންވެ ފުންވާއިރު އަޅާކިޔުން ހުއްޓާލާ ހިނދު އެސެންސްއާއި ހޭލުންތެރިކަން ހޭލާނެއެވެ. އަދި ހަގީގީ ތައުލީމުގެ މަގްސަދަކަށް ވާންޖެހޭނީ އެއެވެ.
މަގުސަދާއި ބޭނުން ދެނެގަންނާށެވެ. މަގްސަދުގައި ހޭލުންތެރިކަން އޮންނާނެއެވެ. ބޭނުމުގައި ހޭލުންތެރިކަން ނިދާލާފައި ހޭލުންތެރިކަމުގެ ދަށުގައި އޮންނާނެއެވެ.
ހަމައެކަނި ހޭލުންތެރިކަމުން ހޭލުންތެރި މައުލޫމާތު ލިބިގަނެވޭނެއެވެ.
އެންމެހާ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން މިހާރު ދަރިވަރުންނަށް ލިބޭ މައުލޫމާތަކީ ސަތޭކައިންސަތޭކަ ބޭނުންތަކެވެ.
ހޭލުންތެރިކަމެއްނެތި ހޭލުންތެރި މައުލޫމާތު ލިބިގަނެވެންނެތެވެ.
ދަރިވަރުން ފުރަތަމަ އަމިއްލަ ހޭލުންތެރިކަމާއި ދެން ހޭލުންތެރިކަމަށް ވާސިލްވާން ޖެހެއެވެ.
ހަމައެކަނި ލޯބީގެ މަގުން އަޅުގަނޑުމެންނަށް ހޭލުންތެރިކަމާއި ހޭލުންތެރި މައުލޫމާތު ލިބޭނެއެވެ.
ހަގީގަތުގައި އަޅުގަނޑުމެން ލޯބީގެ މަގު ދަތުރުކުރަން ބޭނުންނަމަ ސިކުނޑީގެ މައްސަލައާއިމެދު ވިސްނުން މުހިއްމެވެ.