އަމިއްލަ ތަރުޖަމާ
ކީކޭ ވިސްނާނީ. ކިހިނެތް ވިސްނާނީ.
އަޅުގަނޑުމެންގެ ގެއާއި ސްކޫލުގައި، މައިންބަފައިންނާއި މުދައްރިސުން އަބަދުވެސް އަޅުގަނޑުމެން ކިހިނެތް ވިސްނާނެކަން އަންގަވައެވެ. އެހެންނަމަވެސް ކިހިނެތް ވިސްނާނެކަން ދުވަހަކުވެސް އަޅުގަނޑުމެންނަކަށް ދަސްކޮށްނުދެއްވައެވެ.
ކޮންއެއްޗެއް ވިސްނާނެކަން އެނގުމަކީ ނިސްބަތުން ބަލާއިރު ވަރަށް ފަސޭހަ ކަމެކެވެ. އަޅުގަނޑުމެންގެ މައިންބަފައިންނާއި، މުދައްރިސުންނާއި، ޓިއުޝަންދޭ މުދައްރިސުންނާއި، ފޮތްލިޔާ މީހުން ފަދަ އެތައް ބަޔަކު އެބަތިއްބެވެ. އެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ގޮތަށް ޑިކްޓޭޓަރެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހާގެ ޑިކްޓޭޓްތަކާއި، އުއްމީދުތަކާއި، ތިއަރީތަކާއި، ބޮޑާކަންތަކާއި އެއްގޮތަށް ވިސްނާށެވެ.
މަގުނުބައިކުރާ މީހުން ގިނަވެފައިވާ ފަދައިން، ސިކުނޑީގެ ޑިކްޓޭޓަރުންވެސް ގިނައެވެ. އެހެންމީހުންގެ ސިކުނޑި އަޅުވެތިކުރުމާއި، ބަންދުކުރުމާއި، ވަކި އުސޫލުތަކެއްގެ ތެރޭގައި ނުވަތަ ބޮޑާކަންތަކެއްގެ ތެރޭގައި ނުވަތަ ސްކޫލެއްގެ ތެރޭގައި ދިރިއުޅެން މަޖުބޫރުކުރުވުމަށް ހުރިހާ ދިމާއަކުންވެސް ނުބައި ނުފޫޒު ފެތުރިފައިވެއެވެ.
ސިކުނޑީގެ މިލިޔަނުން މިލިޔަން ޑިކްޓޭޓަރުން އެއްވެސް މީހެއްގެ ސިކުނޑީގެ މިނިވަންކަމަށް އިހުތިރާމްކުރާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ވިސްނާގޮތަށް އެހެން މީހަކު ނުވިސްނާނަމަ، އެއީ ނުބައި މީހެއް ކަމަށް، މުރުތައްދުވެފައިވާ މީހެއް ކަމަށް، ނުދަންނަ މީހެއް ކަމަށް ބުނެއެވެ.
ހުރިހާ އެންމެންވެސް ބޭނުންވަނީ އެހެން ހުރިހާ އެންމެން އަޅުވެތިކުރާށެވެ. ހުރިހާ އެންމެންވެސް ބޭނުންވަނީ އެހެން މީހުންގެ ބުއްދީގެ މިނިވަންކަން ނަގާލާށެވެ. އެއްވެސް މީހަކު އެހެން މީހުންގެ ވިސްނުމުގެ މިނިވަންކަމަށް އިހުތިރާމެއް ނުކުރެއެވެ. ކޮންމެ މީހަކަށްވެސް އޭނާއަކީ ހަމަ އެންމެ ރަނގަޅު މީހާކަމަށް، އެންމެ ވިސްނުންތެރި މީހާކަމަށް، އަދި އެންމެ އަޖައިބު މީހާކަމަށް އިހުސާސްކުރެވޭތީ، އެހެން މީހުންވެސް އޭނާހެން ވާން ބޭނުންވެއެވެ. އޭނާގެ ނަމޫނާއަށް ހަދާ، އޭނާ ވިސްނާގޮތަށް ވިސްނާށެވެ.
ސިކުނޑިއަށް މާބޮޑަށް އަނިޔާވެއްޖެއެވެ. ވިޔަފާރިވެރިންނާއި، ނޫސް މަޖައްލާތަކުންނާއި، ރޭޑިޔޯއިންނާއި، ޓީވީން ކުރާ އިސްތިހާރުތަކަށް ބަލާށެވެ. ވިޔަފާރީގެ އިސްތިހާރުތައް ކުރަނީ ޑިކްޓޭޓަރެއްގެ ސިފައިގައެވެ. ތިއަބޭފުޅާ ފާނު ސައިބޯނި ގަންނާށެވެ! ފައިވާން ގަންނާށެވެ! މިހާވަރަކަށް ރުފިޔާ ނުވަތަ ޑޮލަރު ދައްކާށެވެ! މިހާރުން މިހާރަށް ގަންނާށެވެ! ލަސްނުކުރައްވާށެވެ! މިހާރުން މިހާރަށް ވާންވާނެއެވެ! އެންމެ މަދުވެގެން އެމީހުން ނުބުނާ އެއްޗަކީ އަމުރު ނުކިޔަމަންތެރިވެއްޖެނަމަ ޖަލަށްލާނެ ކަމަށް ނުވަތަ މަރާލާނެކަމަށް ބުނުމެވެ.
ބައްޕަ ބޭނުންވަނީ ދަރިފުޅުގެ ބޮލަށް އޭނާގެ ޚިޔާލުތައް ގަދަކަމުން ވައްދާށެވެ. އަދި ސްކޫލް މުދައްރިސް ކުއްޖާ ނުވަތަ އަންހެން ކުއްޖާ މުދައްރިސްގެ ޚިޔާލުތައް ޑިކްޓޭޓަރެއްގެ ގޮތަށް ގަބޫލުނުކުރާނަމަ، ރުޅި އަންނާނެއެވެ. އަދަބުދީ، ދަށް މާކްސް ދޭނެއެވެ.
އިންސާނިއްޔަތުގެ ދެބައިކުޅަ އެއްބައި ބޭނުންވަނީ އަނެއް ދެބައިކުޅަ އެއްބައިގެ ސިކުނޑި އަޅުވެތިކުރާށެވެ. އެހެން މީހުންގެ ސިކުނޑި އަޅުވެތިކުރުމަށް އޮތް އެ ޖޯޝު ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. އެއީ އަޅުގަނޑުމެންގެ ތާރީޚުގެ ކަޅު ސަފްހާއިން ފެންނާން އެބައޮތެވެ.
ހުރިހާ ދިމާއަކުންވެސް ގައުމުތައް އަޅުވެތިކުރުމަށް ގަދައަޅާ މަސައްކަތްކުރާ، ލޭ އޮހޮރުވާ ޑިކްޓޭޓަރޝިޕްތައް ވުޖޫދުވެފައި އެބަހުއްޓެވެ. ލޭ އޮހޮރުވާ ޑިކްޓޭޓަރޝިޕްތައް މީހުން ވިސްނަންވީ ކޮންއެއްޗެއްކަން ބުނެދެއެވެ. މިނިވަންކަމާއެކު ވިސްނާން މަސައްކަތްކުރާ މީހާ ނިކަމެތިވެގެންދާނެއެވެ. އެމީހާ ކޮންސެންޓްރޭޝަން ކޭމްޕްތަކަށް ނުވަތަ ސައިބީރިޔާއަށް ނުވަތަ ޖަލަށް ނުވަތަ މަޖުބޫރު ކުރުވައިގެން ކުރުވާ މަސައްކަތްތަކަށް ނުވަތަ ދަންޖައްސާ މަރާލުމަށް ނުވަތަ ބަޑިޖަހާ މަރާލުމަށް ނުވަތަ އަރުވާލުމަށް ދާން މަޖުބޫރުވެއެވެ.
މުދައްރިސުންނާއި، މައިންބަފައިންނާއި، ފޮތްތަކުންވެސް ދަސްކޮށްދޭން ބޭނުންވަނީ ކިހިނެތް ވިސްނާނެކަމެއް ނޫނެވެ.
މީހުންނަށް އެންމެ ހިތްފަސޭހަ އެއްޗަކީ އެމީހުން ވިސްނަންވާނެގޮތަށް އެހެން މީހުން ވިސްނަން މަޖުބޫރުކުރުވުމެވެ. ކޮންމެ މީހަކީވެސް އެމީހާގެ ގޮތަށް ޑިކްޓޭޓަރެކެވެ. ކޮންމެ މީހަކުވެސް ހީކުރަނީ އޭނާއަކީ އެންމެ ފަހުގެ ބަސް ކަމަށެވެ. ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ޔަގީންކުރަނީ ހުރިހާ އެހެން މީހުންވެސް އޭނާ ވިސްނާގޮތަށް ވިސްނަން ވާނެކަމަށެވެ. އެހެނީ އޭނާއަކީ އެންމެ މޮޅު އެއްޗެވެ.
މައިންބަފައިންނާއި، މުދައްރިސުންނާއި، ވެރިން އަބަދުވެސް އެމީހުންގެ ދަށުން މަސައްކަތްކުރާ މީހުންނަށް ނަސޭހަތްދީ، ތަކުރާރުކޮށް ނަސޭހަތްދެއެވެ.
އެހެން މީހުންނަށް އިހުތިރާމްނުކުރުމާއި، އެހެން މީހުންގެ ސިކުނޑި ނަގާލުމާއި، އެހެން މީހުންގެ ވިސްނުން ބަންދުކޮށް، ޖަހާލުމާއި، އަޅުވެތިކޮށް، ޗޭނުޖަހާލުމަށް އޮތް އިންސާނިއްޔަތުގެ އެ ބިރުވެރި ނުބައި އާދަ ވަރަށް ބޮޑެވެ.
ފިރިމީހާ ބޭނުންވަނީ އޭނާގެ ޚިޔާލުތަކާއި، އުސޫލުތަކާއި، އިލްމުތައް ގަދަކަމުން އޭނާގެ އަންހެނުންގެ ބޮލަށް ވައްދާށެވެ. އަދި އަންހެންމީހާވެސް ހަމަ އެކަން ކުރާން ބޭނުންވެއެވެ. ގިނަފަހަރު ފިރިމީހާއާއި އަންހެނުން ވަރިވަނީ ޚިޔާލުތައް ނުގުޅޭތީއެވެ. ދެމަފިރިން އެކަކު އަނެކަކުގެ ބުއްދީގެ މިނިވަންކަމަށް އިހުތިރާމްކުރަން ބޭނުމެއް ނުވެއެވެ.
އެއްވެސް ފިރިއަކަށް އަނެކާގެ ސިކުނޑި އަޅުވެތިކުރުމުގެ ހައްގެއް ނެތެވެ. ކޮންމެ މީހަކުވެސް އިހުތިރާމް ލިބުން ހައްގެވެ. ކޮންމެ މީހަކަށްވެސް ބޭނުން ގޮތަކަށް ވިސްނުމާއި، ދީން ޤާއިމްކުރުމާއި، ބޭނުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވުމުގެ ހައްގު އެބައޮތެވެ.
ސްކޫލް ކުދީންނަށް ވަކި ޚިޔާލުތަކަކަށް ގަދަކަމުން ވިސްނަން މަޖުބޫރުކުރެއެވެ. އެހެންނަމަވެސް ސިކުނޑި ބޭނުންކުރާނެ ގޮތެއް ދަސްކޮށްދޭކަށް ނޫޅެއެވެ. ކުދީންގެ ސިކުނޑިއަކީ މަޑު، ދެމޭ، އަދި ލުއި ސިކުނޑިއެކެވެ. މުސްކުޅީންގެ ސިކުނޑިއަކީ ހަރު، ސާބިތު، އަދި އުނިވާ ސިކުނޑިއެކެވެ. އެއަކަށް ބަދަލެއް ނުކުރެވޭނެއެވެ. ކުދީންނާއި ޒުވާނުންގެ ސިކުނޑިއަކީ އެކި ބަދަލުތައް އަންނަ ސިކުނޑިއެކެވެ. ބަދަލުކުރެވޭނެއެވެ.
ކުދީންނާއި ޒުވާނުންނަށް ކިހިނެތް ވިސްނާނެކަން ދަސްކޮށްދެވިދާނެއެވެ. މުސްކުޅީންނަށް ކިހިނެތް ވިސްނާނެކަން ދަސްކޮށްދިނުން ވަރަށް އުނދަގުލެވެ. އެހެނީ އެމީހުން އެއީ އެމީހުންނެވެ. އަދި އެގޮތުގައި މަރުވެދާނެއެވެ. ހަޔާތުގައި މުޅިން ބަދަލުވާން ބޭނުންވާ މުސްކުޅިޔަކު ފެނުމަކީ ވަރަށް މަދުންވާ ކަމެކެވެ.
މީހުންގެ ސިކުނޑި ކުޑައިރުން ފެށިގެން ބައްޓަންކުރެވެއެވެ. މައިންބަފައިންނާއި ސްކޫލް މުދައްރިސުން ކުރަން އިސްކަންދޭކަމަކީ އެއީއެވެ. އެމީހުން ކުދީންނާއި ޒުވާނުންގެ ސިކުނޑިއަށް ސިފައެއް ދިނުމުން އުފާވެއެވެ. ސިފައެއް ދީފައިވާ ސިކުނޑިއަކީ ހަމަ އެކަނި ޝަރުތުކުރެވިފައިވާ ސިކުނޑިއެކެވެ. އަޅުވެތި ސިކުނޑިއެކެވެ.
މުދައްރިސުން ސިކުނޑީގައި އެޅިފައިވާ ދަގަނޑުތައް ބިންދާލުން މުހިއްމެވެ. މުދައްރިސުން ކުދީންގެ ސިކުނޑި ހަގީގީ މިނިވަންކަމުގެ މަގަށް ގެންދިއުމަށް ދަސްކޮށްދިނުން އަވަސްކުރަން ޖެހެއެވެ. އެހެންވީމާ އިތުރަށް އަޅުވެތިނުވާނެއެވެ. މުދައްރިސުން ކުދީންނަށް ވިސްނަންވާނީ ކިހިނެތްކަން ދަސްކޮށްދިނުން މުހިއްމެވެ.
އެނަލައިޒްކުރުމާއި، މެޑިޓޭޓްކުރުމާއި، ވިސްނުމުގެ މަގު ކުދީންނަށް ދަސްކޮށްދިނުމުގެ މުހިއްމުކަން މުދައްރިސުން ދެނެގަންނަންވާނެއެވެ. ވިސްނާ އެއްވެސް މީހަކު އެއްވެސް ކަމެއް ޑޮގްމެޓިކް ގޮތަކަށް ގަބޫލުކޮށްގެން ނުވާނެއެވެ. ގަބޫލުކުރުމުގެ ކުރިން، ފުރަތަމަ ތަހްގީގުކޮށް، ދެނެގަންނާށެވެ.
އެހެން ގޮތަކަށް ބުނާނަމަ ގަބޫލުކުރާކަށް އެއްވެސް ބޭނުމެއް ނެތެވެ. އެހެންނަމަވެސް ތަހްގީގުކޮށް، އެނަލައިޒްކޮށް، މެޑިޓޭޓްކޮށް، ވިސްނާށެވެ. ފުރިހަމަ ވިސްނުމެއް ލިބިއްޖެނަމަ، ގަބޫލުކުރުމަކީ ބޭކާރު ކަމެކެވެ.
ސްކޫލުން ނުކުތުމަށްފަހު ވިސްނަން ނޭނގޭނަމަ އަދި ހަމަ ކުރީގެގޮތަށް އޮޓޮމޭޓިކް އެއްޗެއްހެން ދިރިއުޅެންޖެހިއްޖެނަމަ ބޮލަށް މައުލޫމާތުތަކުން ފުރާލުމުގެ އެއްވެސް މާނައެއްނެތެވެ. މައިންބަފައިންނާއި، ކާބަފައިންގެ އާދަތަކާއި އެއްގޮތަށް އުޅެންޖެހިއްޖެނަމަ އެއީ ދިރިއުޅުމެއް ނޫނެވެ. އަބަދުވެސް ހަމަ އެއްކަމެއް ތަކުރާރުކޮށް، މެޝިނެއްހެން ދިރިއުޅުމާއި، ގެއިން އޮފީހަށާއި އޮފީހުން ގެއަށް ދިއުމާއި، ކުދީން ހަދާ މެޝިނަކަށް ވުމަށް ކައިވެނިކުރުމަކީ ދިރިއުޅުމެއް ނޫނެވެ. އަދި އަހަރުތަކެއް ވަންދެން ސްކޫލާއި ކޮލެޖާއި ޔުނިވަރސިޓީތަކުގައި ކިޔަވަން ދާންޖެހިއްޖެނަމަ ކިޔެވުން މާ ރަނގަޅެވެ.
މަހާތުމާ ގާންދީއަކީ ވަރަށް ތަފާތު ބޭފުޅެކެވެ. ޕްރޮޓެސްޓެންޓް ދީނީ އިލްމުވެރިން ގިނަފަހަރު ގަޑިތަކެއް ވަންދެން އޭނާގެ ދޮރުމަތީގައި އިށީނދެ އޭނާ ޕްރޮޓެސްޓެންޓް ކްރިސްޓިއަން ދީނަށް ވެއްދުމަށް މަސައްކަތްކުރިއެވެ. ގާންދީ އެ ދީނީ އިލްމުވެރިންގެ ދަސްކޮށްދިނުން ގަބޫލެއް ނުކުރެއެވެ. އަދި ދެކޮޅެއްވެސް ނުހަދައެވެ. އެއަށް ވިސްނާ، އިހުތިރާމް ކުރެއެވެ. އެއީ އެހެންވީމާ އެންމެ ރަނގަޅުގޮތެވެ. ގިނަފަހަރު މަހާތުމާ ވިދާޅުވިއެވެ. އަހުރެންނަކީ ބްރަމާންއަކީމެވެ. ޔަހޫދީއަކީމެވެ. ކްރިސްޓިއަނަކީމެވެ. މުސްލިމަކީމެވެ. ހުރިހާ ދީނެއްވެސް ބޭނުންވަނީ އެއީ އެއް އަބަދީ އަގުތަކެއް ހިފަހައްޓާތީއެވެ.
އެއްވެސް އުސޫލެއް ނުވަތަ އެއްޗެއް ގަބޫލުކުރުމާއި ދެކޮޅު ހެދުމަކީ ސިކުނޑި ފުރިހަމަނުވާކަން ހާމަވެގެންދާ ކަމެކެވެ. އެއްޗަކަށް ދެކޮޅުހަދާ ނުވަތަ ގަބޫލުކުރާހިނދު، އެއީ އަޅުގަނޑުމެންނަށް އެއަށް ވިސްނިފައިނުވާތީއެވެ. ވިސްނުން އޮތްތަނެއްގައި ގަބޫލުކުރުމާއި ދެކޮޅުހެދުން މާނައެއްނެތް ކަންތައްތަކެވެ.
އީމާންވާ ސިކުނޑިއާއި، އީމާންނުވާ ސިކުނޑިއާއި، ޝައްކުވާ ސިކުނޑިއަކީ ނުދަންނަ ސިކުނޑިއެކެވެ. އެނގުމުގެ މަގު އީމާންވުމާއި އީމާންނުވުމާއި ޝައްކުވުމަކީ އެއްގޮތަކަށްވެސް ނޫނެވެ. އެނގުމުގެ މަގަކީ އޮޅުންފިލުވުމާއި، އެނަލައިޒްކުރުމާއި، މެޑިޓޭޓްކުރުމާއި ތަޖުރިބާކުރުމެވެ.
ހަގީގަތަކީ މިވަގުތު ނޭނގޭ އެއްޗެވެ. ހަގީގަތަކީ މީހަކު ގަބޫލުކުރާ ނުވަތަ ދޫކޮށްލާ އެއްޗަކާއި އެއްވެސް ގުޅުމެއްނެތް އެއްޗެކެވެ. އަދި އެއީ ޝައްކުވުމެއްވެސް ނޫނެވެ. ހަގީގަތަކީ އެއްޗެއް ގަބޫލުކުރުމާއި ދެކޮޅުހެދުމުގެ މައްސަލައެއް ނޫނެވެ. ހަގީގަތަކީ ތަޖުރިބާކުރުމާއި، ދިރިއުޅުމާއި، ވިސްނުމުގެ މައްސަލައެކެވެ.
މުދައްރިސުންގެ ހުރިހާ މަސައްކަތެއްވެސް އެންމެ ފަހުން ކުދީން ހަގީގީ ކަމާއި، ތެދުކަމުގެ ތަޖުރިބާއަށް ގެންދިއުމަށް ކުރަންޖެހޭނެއެވެ.
މުދައްރިސުން އަބަދުވެސް ކުދީންގެ ސިކުނޑިއަށް ސިފަދީ، މޮޑެލްކުރަން ކުރާ އެ ދުވަސްވެފައިވާ ނުރައްކާތެރި އާދަ ދޫކޮށްލުން މުހިއްމެވެ. ބޮޑެތި މީހުންގެ ސިކުނޑި ބޮޑާކަންތަކާއި، ހަވާނަފްސާއި، މާޒީވެދިޔަ ޚިޔާލުތަކުން ފުރިފައިވުމުން ކުދީންނާއި ޒުވާނުންގެ ސިކުނޑި ނަގާލުމަކީ މޮޔަކަމެކެވެ. އެމީހުންގެ ވިސްނުމާއި އެއްގޮތަށް ކުދީންގެ ސިކުނޑި މޮޑެލްކުރަން އުޅުމަކީވެސް މޮޔަކަމެކެވެ.
ކުދީންގެ ބުއްދީގެ މިނިވަންކަމަށް އިހުތިރާމްކުރުމާއި، އެމީހުންގެ ސިކުނޑީގެ ހަލުއިކަމާއި، އުފެއްދުންތެރިކަމަށް އިހުތިރާމްކުރުން މާ ރަނގަޅެވެ. މުދައްރިސުންނަށް ކުދީންގެ ސިކުނޑި ބަންދުކުރުމުގެ ހައްގެއް ނެތެވެ.
ކުދީންގެ ސިކުނޑިއަށް ވިސްނަންވީ ކޮންއެއްޗެއްކަން ބުނެދިނުމަށްވުރެ މާ މުހިއްމުކަމަކީ ކިހިނެތް ވިސްނާނެކަން ދަސްކޮށްދިނުމެވެ. ސިކުނޑިއަކީ އެނގުމުގެ ވަސީލަތެވެ. މުދައްރިސުން ކުދީންނަށް އެ ވަސީލަތް ބޭނުންކުރާނެގޮތް ދަސްކޮށްދިނުން މުހިއްމެވެ.