މަޢުލޫމާތަށް ދާން

ދަޖްޖާލު

ބުއްދީގެ ވިދުން، ނަފްސާނީ ދުނިޔަވީ ކަމެއްގެ ގޮތުގައި ފާޅުވުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ދައްޖާލެވެ.

ދައްޖާލަކީ، ބިމުގެ ކޮންމެވެސް ތަނެއްގައި އުފަންވެގެން އަންނަ ނުވަތަ އެއީ އެހެން ޤައުމަކުން އަންނާނެ މީހެއްކަމަށް ހީކުރާ މީހުންނަށް، ޔަޤީނުންވެސް ވަރަށްބޮޑު އޮޅުމެއްއަރާފައިވެއެވެ.

އަހަރެމެން ވަރަށް ބާރުލާފައި ބުނަމެވެ. ދައްޖާލަކީ، އެއްގޮތަކަށްވެސް ވަކި މީހެއްނޫނެވެ. އެއީ ހުރިހާ މީހުންނެވެ.

ފާޅުކަންބޮޑުގޮތެއްގައި ދައްޖާލު ވަނީ، ކޮންމެ މީހެއްގެވެސް ހިތުގެއަޑީގައެވެ. އަދި އެކިގޮތްގޮތުން އެކަން ފާޅުވެގެންދެއެވެ.

ބުއްދި، ރޫޙާނީކަމަށް ޚިދުމަތްކުރުވަނީނަމަ މަންފާކުރެއެވެ. ރޫޙާނީކަމުން ވަކިވެފައިވާ ބުއްދިއަކީ ބޭކާރު އެއްޗެކެވެ.

ރޫޙާނީކަމެއްނެތް، ހަމައެކަނި ބުއްދީގެބޭނުންކުރުމުން އުފެދެނީ މަކަރުވެރިންނެވެ. އެއީ ދައްޖާލުގެ ފާޅުވުމެވެ.

ފާޅުކަންބޮޑުގޮތެއްގައި މަކަރުވެރިޔަކީ، އޭނާގެޒާތުގައި، އޭނާއަކީ ދައްޖާލެވެ. އަދި ހިތާމައާއެކު ބުނަންޖެހެނީ، މިހާރުގެ ދުނިޔޭގެ ހުރިހާ ހާދިސާއެއްގެވެސް ވެރިޔަކީ ދައްޖާލެވެ.

މިހާރު އިންސާނިއްޔަތު އޮތް ހާލަތަކީ، ޝައްކެއްނެތްގޮތުގައި ދައްޖާލުގެ ސަބަބުން ވެފައިވާގޮތެކެވެ.

ތާރިސޫސުގެ ޕައުލު އޭނާގެ ސިޓީތަކުގައި ދެއްކެވި ނުބައިކަމުގެ ވާހަކައަކީ، މިޒަމާނުގެ ހަޤީޤަތެވެ.

ނުބައިކަން ވެއްޖެއެވެ. އަދި މިހާރު އެކަން ހުރިހާ ދިމާލަކުންވެސް ފެންނާނެއެވެ. ޔަޤީނުންވެސް އޭނާއަށް އެއްފަހަރާ އެތައްތަނެއްގައި ހުރެވޭނެއެވެ.

ކެފޭތަކުގައި ބަހުސްކުރެއެވެ. އދ. ގައި މުއާމަލާތްތައް ކުރެއެވެ. ޖެނީވާގައި އަރާމުކޮށް އިށީނދެގެންހުރެއެވެ. ލެބޯޓްރީތަކުގައި ތަޖުރިބާކުރެއެވެ. އަމާޒަށް އަމާޒުވެވޭ ރޮކެޓްތައް، ވައިނުދީ މީހުން މަރުވާގޮތް ހަދާގޭސް، ބެކްޓީރިއާ ބޮންބު އީޖާދުކުރެއެވެ.

ދައްޖާލު އޭނާގެ ބުއްދިއަށް ލެނބިގެން، ޚާއްޞަކޮށް މޮޅުބުއްދިވެރިންނަށް ޚާއްޞަކޮށްގެން، ހީކުރަނީ އޭނާއަށް ކާއިނާތުގެ ހުރިހާކަމެއް އެނގޭކަމަށެވެ.

އޭނާ އަމިއްލަ ނަފްސަށް މޮޅުކަމަށް ހީކޮށްގެން ހުރެ، ތިއަރީތަކުން ފުރިގެންވާ ދައްޖާލު، އޭނާ މުޅިންހެންހާ ކަންތައް ދޮގުކުރެއެވެ.

ދައްޖާލުގެ އަމިއްލަވަންތަކަމާއި، އޭނާގެ ކިބައިގައިވާ ބޮޑާކަމާއި އަހުލާޤީނުބައިކަމަކީ، ކެތްކުރަން ވަރަށް އުނދަގޫ ކަމެކެވެ.

އީމާންތެރިކަމާއި، ކެތްތެރިކަމާއި މަޑުމައިތިރިކަމުގެ ސިފަތައް ދައްޖާލު މަރަށްވުރެ ބޮޑަށް ރުޅިއާދެއެވެ.

ދައްޖާލުގެ ކުރިމަތީގައި ހުރިހާ މީހަކުވެސް ކަކޫޖަހައެވެ. ހަމަގައިމުވެސް އޭނާވަނީ އަޑަށްވުރެ ބާރު ސްޕީޑްގައި ދުއްވާ ބޯޓާއި، މޮޅު އުޅަނދުފަހަރާއި، އަގުބޮޑު ސައިކަލާއި، ސިއްހަތަށް ފައިދާހުރި ބޭސް އީޖާދުކޮށްފައެވެ.

މިހާލަތުގައި، ދައްޖާލުގެ މައްޗަށް ޝައްކުކުރާނީ ކާކުހެއްޔެވެ؟ ގެއްލިގެންދާ ދަރިފުޅުގެ މުޢުޖިޒާތާއި ކަރާމާތްތަކާއި ދެކޮޅަށް އެއްޗެއް ބުނަން ކެރޭނީ ކާކުހެއްޔެވެ؟ މިޒަމާނުގައި އެފަދައިން ބުނާ މީހާ އަމިއްލަ ނަފްސު އެކަހެރިކޮށް އޭނާގެ ރައްޓެހިންގެ މަލާމާތްލިބޭނެއެވެ. އަދި މަލާމާތްކުރުމާއި، މަލާމާތްކުރުމުގެ އިތުރުން އޭނާއަށް މޮޔައެކޭ ނުވަތަ ނޭނގޭ މީހެކޭވެސް ބުނާނެއެވެ.

ކިޔަވާކުދިންނާއި، ސީރިއަސް މީހުންނަށް މިކަން ވިސްނާދިނުމަކީ އުނދަގޫކަމެކެވެ. އެފަދަ މީހުން އަމިއްލައަށް އިޙްސާސްކުރާނެއެވެ. އަދި ދެކޮޅުވެރިވާނެއެވެ.

އިންސާނާކަމަށް ކިޔާ، މޮޔަ ޖަނަވާރަކީ، ކުޑަކުދިންގެ ސްކޫލް، ޕްރައިމަރީ، ސެކަންޑަރީ، ޕްރެޕަރޭޓަރީ، ޔުނިވަރސިޓީ ފަދަ ތަފާތު ޕްރޮގްރާމްތަކުން ޕްރޮގްރާމްކުރެވިފައިވާ ރޮބޮޓެކެވެ.

ޕްރޮގްރާމްކުރެވިފައިވާ ރޮބޮޓެއް ޕްރޮގްރާމާއި އެއްގޮތަށް މަސައްކަތްކުރާނެކަން އެކަކަށްވެސް ދެކޮޅުނުހެދެވޭނެއެވެ. ޕްރޮގްރާމުން ބޭރުކޮށްފިނަމަ އެއެއްގޮތަކަށްވެސް މަސައްކަތެއްނުކުރާނެއެވެ.

މިހާރުގެ ހަލާކުވެފައިވާ ދުވަސްތަކުގައި އިންސާނުންގެ ރޮބޮޓް ޕްރޮގްރާމްކުރުމަށް ބޭނުންވާ ޕްރޮގްރާމް އުފައްދާފައިވަނީ ދައްޖާލެވެ.

މިކަންތައްތަކަށް ސާފުކޮށް ބުނެދިނުމަކީ، މިކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމަކީ ވަރަށް އުނދަގޫކަމެކެވެ. އެހެނީ އެއީ ޕްރޮގްރާމުން ބޭރުކަމެކެވެ. އެއްވެސް އިންސާނުންގެ ރޮބޮޓަކަށް ޕްރޮގްރާމުން ބޭރުވާ ކަންތައްތަކެއް ޤަބޫލެއްނުކުރެވޭނެއެވެ.

މިމައްސަލަ ވަރަށްބޮޑުވެ މީހުންގެ ވިސްނުންތައް ވަރަށް ބޮޑަށް ބަންދުވެފައިވާތީ، އެއްގޮތަކަށްވެސް އިންސާނުންގެ ރޮބޮޓަކަށް، ޕްރޮގްރާމް ރަނގަޅުނޫންކަމަށް ޝައްކެއްވެސް ނުކުރެވޭނެއެވެ. އެހެނީ އޭނާ ހައްދާފައިވަނީ އެ ޕްރޮގްރާމާ އެއްގޮތަށެވެ. އަދި އެކަމާމެދު ޝައްކުކުރުމަކީ، ދީނާ ޚިލާފުކަމެއްކަމަށް ނުވަތަ މޮޔަކަމެއްކަމަށް އޭނާއަށް ހީވާނެއެވެ.

ރޮބޮޓެއް އޭނާގެ ޕްރޮގްރާމާމެދު ޝައްކުކުރުމަކީ މޮޔަކަމެކެވެ. އެކަން މުޠުލަޤުގޮތެއްގައި ނުވާނެއެވެ. އެހެނީ އޭނާގެ ވުޖޫދު އޮންނަނީވެސް އެ ޕްރޮގްރާމަށް ނިސްބަތްކޮށެވެ.

ހިތާމައާއެކު ބުނަންޖެހެނީ އިންސާނުންގެ ރޮބޮޓް ހީކުރާގޮތަކަށް ކަންތައްތައް ނުދާކަމެވެ. އެހެން އިލްމެއް އެބަހުއްޓެވެ. އެހެން ޙިކްމަތެއް އެބަހުއްޓެވެ. އެއީ އިންސާނުންގެ ރޮބޮޓުންނަށް ޤަބޫލުކުރަން އުނދަގޫވާނެ ކަންތައްތަކެވެ.

އިންސާނުންގެ ރޮބޮޓް ރިއެކްޓްކުރެއެވެ. އަދި ރިއެކްޓްކުރުމުގައި އޭނާ ހައްޤުވެސްމެއެވެ. އެހެނީ އެހެން އިލްމަކަށް ނުވަތަ އެހެން ސަޤާފަތަކަށް ނުވަތަ އޭނާގެ ޕްރޮގްރާމްގައި ނުހިމެނޭ އެހެން އެއްޗަކަށް އޭނާ ޕްރޮގްރާމްކުރެވިފައެއް ނުވެއެވެ.

އިންސާނުންގެ ރޮބޮޓްގެ ޕްރޮގްރާމްތައް އުފައްދާފައިވަނީ ދައްޖާލެވެ. ރޮބޮޓް އޭނާގެ ވެރިމީހާގެ ކުރިމަތީގައި މަޑުމައިތިރިކަމާއެކު ކުރުނބުދެއެވެ. ރޮބޮޓަށް އޭނާގެ ވެރިމީހާގެ މޮޅުކަމާމެދު ޝައްކުކުރެވޭނީ ކިހިނެއްހެއްޔެވެ؟

ކުއްޖާ އުފަންވަނީ މައުސޫމުކަމާއި ސާފުކަމާއެކުއެވެ. ކޮންމެ މަޚްލޫޤަކުންވެސް ފާޅުވަމުންދާ އަސްލަކީ، ވަރަށް މުހިއްމު އެއްޗެކެވެ.

ޝައްކެއްނެތްގޮތުގައި އުފަންވާ ކުދިންގެ ސިކުނޑީގައި، ކުދިކުދި މަޢުލޫމާތުތައް، ޤުދުރަތީ މަޢުލޫމާތުތައް، ކާއިނާތީ މަޢުލޫމާތުތައް، ކާއިނާތުގައި ފާޅުވާ ހުރިހާ ކަމެއްގައި ހިމެނޭ ޙަޤީޤަތްތައް ދެނެގަތުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތުތައް ޤުދުރަތުން ލައިދެއެވެ.

މީގެ މާނައަކީ، އަލަށް އުފަންވާ ކުއްޖާއަށް، ކޮންމެ ކާއިނާތީ ކަމެއްގެވެސް ޙަޤީޤަތް އަމިއްލައަށް ހޯދިދާނެއެވެ. ހިތާމައާއެކު ބުނަންޖެހެނީ ދައްޖާލުގެ ޕްރޮގްރާމްގެ ސަބަބުން އެކަން ހުއްޓުވޭކަމެވެ. އަދި ޤުދުރަތުން އުފަންވާ ކުއްޖާގެ ސިކުނޑީގައި ލައްވާފައިވާ މޮޅު ސިފަތައް ނެތިވެގެންދާކަމެވެ.

ދައްޖާލު ތަފާތުގޮތަކަށް ވިސްނުން މަނާކުރެއެވެ. ދައްޖާލުގެ އަމުރުގެދަށުން އުފަންވާ ކޮންމެ ކުއްޖަކުވެސް ޕްރޮގްރާމްކުރަންޖެހެއެވެ.

ޝައްކެއްވެސްނެތްގޮތުގައި ދައްޖާލު ވަރަށްބޮޑަށް ރުޅިއަންނަ އެންމެ މުހިއްމު އެއްސިފައަކީ، “ކާއިނާތުގެ ޙަޤީޤަތްތައް އިޙްސާސްކުރުމުގެ ޤާބިލިއްޔަތުކަން” އެއީއެވެ.

ހަމައެކަނި އިލްމަކީ، ޔުނިވަރސިޓީ ތިއަރީތަކަށްވުރެ މާ މަތިވެރި އެއްޗެކެވެ. އެއީ ދައްޖާލުގެ ރޮބޮޓުންނަށް ޤަބޫލުކުރަން އުނދަގޫ ކަމެކެވެ.

ދައްޖާލު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެތައް ހަނގުރާމައެއް، ބަނޑުހައިހޫނުކަމެއް، ބަލިމަޑުކަމެއް ފަތުރާފައިވެއެވެ. އަދި ދުނިޔަ ހަލާކުވެގެންދިއުމުގެ ކުރިންވެސް އެކަންތައްތައް ކުރިއަށްގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

ނަސީބުދެރަކަމާއެކު މިހާރު އައިސްފައިވަނީ ހުރިހާ ނަބީބޭކަލުންވެސް އިންޒާރުދެއްވާފައިވާ ބޮޑު ދީނުންބޭރުވުމުގެ ވަގުތެވެ. އަދި އެއްވެސް އިންސާނަކަށް ދައްޖާލާ ދެކޮޅަށް އެއްޗެއް ބުނުމުގެ ކެރުން ނުލިބޭނެއެވެ.