މަޢުލޫމާތަށް ދާން

ދިރިއުޅުން

ހީވިޔަސް ގަބޫލުކުރަން އުނދަގޫ، މިއީ ހަމަ ޔަގީނުންވެސް ހަގީގަތެކެވެ. މިހާ ދައްކާ ވާހަކަ ގިނަ މިޒަމާނުގެ ތަހުޒީބަކީ ނުހަނު ބީރޫހެވެ. މީގައި ރީތިކަމުގެ އިހުސާސްތަކެއް އެކުލެވިގެނެއް ނުވެއެވެ. އެތެރެއިންވެސް މީހާއަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.

އަހަރެމެން އަބަދުވެސް އެ ދައްކާ ހުތުރު އިމާރާތްތަކުގެ ވާހަކަ މާބޮޑެވެ. އެއީ ހީވަނީ ހަމަ އަސްލުވެސް މީދާގެ ގުދަނެއްހެންނެވެ.

ދުނިޔެ މިއޮތީ ވަރަށް ފޫހިވެފައެވެ. އަބަދުވެސް އެއްގޮތަކަށް ހުންނަ މަގުތަކާއި، ހުރިހާ ދިމާއަކުންވެސް ފެންނަ ހުތުރު ގެތަކެވެ.

މިއީ ހުރިހާ ދިމާއަކުންވެސް ފޫހިވާ ކަމެކެވެ. އުތުރުންވިޔަސް، ދެކުނުންވިޔަސް، އިރުމަތިން ވިޔަސް، ހުޅަނގުންވިޔަސް މުޅި ދުނިޔެއަށް ވެސް މިއީ އެއްގޮތެކެވެ.

މިއީ އަބަދުވެސް އެއްކަހަލަ ހެދުމެކެވެ. ބަލަންވެސް ހުތުރު، މޭނުބައިކުރާ، ބީރޫހެކެވެ. އެތައް ބަޔަކު ބުނަނީ މިއީ ޒަމާނީކަމޭ އެވެ!

އަހަރެމެން ތިބީ ހަމަ ފުރިހަމަ ފަހުރުވެރި މައިނާފުޅެއްހެންނެވެ. ލައިގެން ހުރި ހެދުމާއި އަރައިގެން ހުރި ވަރަށް ވިދާ ބޫޓާއެކުގައެވެ. ނަމަވެސް މިތާގަ އާއި އެތާގަ އަދި އެހެން ހުރިހާ ތާކުވެސް އެތައް މިލިއަން ބަޔަކު ތިބީ ބަނޑުހައިހޫނުކަމުގެ މައްޗަށް ޖެހިފައި، ކާނެ އެއްޗެއްނެތި، ނިކަމެތި ހާލުގައެވެ.

އާދައިގެ ސާދާ ރީތިކަމާއި، އަމިއްލަ އިހުސާސްތަކާއި، މަކަރުވެރިކަމެއްނެތް ހިތްތަކާއި، ބޭކާރު ފޮނި ވާހަކަތަކުން ހުސްވެފައިވާ ރީތިކަން އަންހެން ކުދިންގެ ގައިން ވަނީ ފިލައިގެން ގޮސްފައެވެ. މިހާރު އަހަރެމެންނަކީ ޒަމާނީ ބައެކެވެ. ދިރިއުޅުން ހުރީ މިހެންނެވެ.

މީހުން މިހާރު ވަރަށް އަނިޔާވެރިވެއްޖެއެވެ. އޯގާތެރިކަން ވަނީ ވަރަށް ކުޑަވެފައެވެ. އެކަކު އަނެކަކަށް އެހީވާންވެސް މިހާރު މީހުން ފަސްޖެހެއެވެ.

އަގުބޮޑު ފިހާރަތަކުގެ ވިންޑޯތައް އަގުބޮޑު މުދާތަކުން ފެންނަނީ ވަރަށް ރީތިކޮށެވެ. ނަމަވެސް އެތަކެތި ނިކަމެތި މީހުންނަށް ލިބޭކަށް ނެތެވެ.

އެމީހުންނަށް ކުރެވޭ ހަމައެކަނި ކަމަކީ ފަސްއަޅިއާއި ޖަވާހިރުތަކާއި، އަގުބޮޑު ސެންޓުފުޅިތަކާއި، ވިއްސާރަ ދުވަސްތަކުގައި ބޭނުންކުރާ އޮށްގަލުތައް ބަލާލުމެވެ. އެތަކެތީގައި އަތްލުމުގެ ހުއްދައެއްނެތެވެ. އެއީ ތަންތާލަސްއަށް ދިންފަދަ އަޒާބެކެވެ.

މި ޒަމާނުގެ މީހުން ވަރަށް ހުތުރުވެއްޖެއެވެ. ރަހުމަތްތެރިކަމުގެ ވަހާއި އިހުލާސްތެރިކަމުގެ މީރުވަހުގެ އަސަރު އެއްކޮށް ފިލައިގެން ހިނގައްޖެއެވެ.

އަބަދުވެސް ޓެކްސްތަކުން ބުރަވެފައިވާ މީހުންގެ އަޑުތައް މަތިވެރިވެއެވެ. ހުރިހާ އެންމެންވެސް ތިބީ މައްސަލަތަކެއްގެ ތެރޭގައެވެ. އަހަރެމެން ދަރަންޏަށް ވެސް ދެމު އަދި ދަރަންޏަށް ނަގަމުވެސްމެއެވެ. އަހަރެމެންގެ މައްޗަށް ދައުވާ ކުރެވޭއިރު، އަހަރެމެންގެ އަތުގައި ފައިސާއެއްވެސް ނެތެވެ. ކަންބޮޑުވުންތަކުން ސިކުނޑިތައް ފުނޑުފުނޑުވެގެން ދެއެވެ. އެކަކަށްވެސް ހަމަޖެހިލައިގެން އުޅެވޭކަށް ނެތެވެ.

ބަނޑު ފުއްޕާފައި ތިބޭ ބިއުރޯކްރެޓުންނާއި، އަނގައިގައި ސިނގިރޭޓެއް ކާންތިބޭ މީހުން އެމީހުންގެ އަމިއްލަ ނަފްސާނީ އެދުންތައް ފުއްދުމަށްޓަކައި، ރައްޔިތުންގެ ވޭނާމެދު އެއްވެސް ފަރުވާލެއްނެތި ސިޔާސީ ކުޅިވަރުތައް ކުޅެއެވެ.

މި ދުވަސްވަރު އެކަކުވެސް އުފަލުން ނޫޅެއެވެ. އާންމު ރައްޔިތުންނަކީ ދެފަރާތުން ކަނޑި އޮޅުވައިގެން ތިބޭ ބައެކެވެ.

މުއްސަނދިންނާއި ފަގީރުން، ދީންވެރިންނާއި ދީނަށް އިންކާރުކުރާ މީހުން، ވިޔަފާރިވެރިންނާއި އެހީއަށް އެދި އުޅޭ މީހުން، ބޫޓު ހަދާމީހުންނާއި ޓިނުސާމާނު ހަދާމީހުން އެމީހުން ދިރިއުޅެނީ ދިރިއުޅެން ޖެހޭތީއެވެ. އެމީހުންގެ ވޭންތައް ނައްތާލުމަށްޓަކައި ރާބޮއެގެން މަސްތުވެ، އަމިއްލަ ނަފްސުތަކުން ސަލާމަތްވުމަށް މަސްތުވާތަކެތި ބޭނުންކުރެއެވެ.

މީހުން މިހާރު ނުބައިކަންތައްކުރާ، ޝައްކުކުރާ، އިތުބާރުނުކުރާ، މަކަރުވެރި، އަނިޔާވެރި ބަޔަކަށްވެއްޖެއެވެ. މިހާރު އެކަކުވެސް އެކަކަށް އިތުބާރެއް ނުކުރެއެވެ. ކޮންމެ ދުވަހަކު އާ ޝަރުތުތަކާއި، ސެޓްފިކެޓުތަކާއި، ހުރަސްތަކާއި، ލިޔުންތަކާއި، ކާޑުތައް އުފައްދައެވެ. އެހެންވިޔަސް، އެއިން އެއްވެސް އެއްޗަކުން މިހާރަކު ފައިދާއެއް ނުކުރެއެވެ. މަކަރުވެރިން އެ ހުރިހާ ކަންތައްތަކަށް މަލާމާތްކުރެއެވެ. އެމީހުން ފައިސާ ނުދައްކައެވެ. ގާނޫނުން ސަލާމަތްވެގެން ދެއެވެ. ޖަލަށް ދާންޖެހުނަސް އެމީހުން އެކަން ކުރެއެވެ.

އެއްވެސް ވަޒީފާއަކުން އުފަލެއް ނުލިބެއެވެ. ހަގީގީ ލޯބީގެ މާނަ ގެއްލިއްޖެއެވެ. މީހުން މިއަދު ކައިވެނިކުރަނީއެވެ. އަދި މާދަމާ ވަރިވެސް ވެއެވެ.

ގޭގެ އެއްބައިވަންތަކަން ވަރަށް ދެރަގޮތަކަށް ގެއްލިއްޖެއެވެ. ލަދުވެތިކަމެއް މިހާރަކު ނެތެވެ. އަންހެންލިންގު ބަދަލުކުރުމާއި އެއްޖިންސުން ގުޅުންހިންގުން އަތް ދޮވުމަށްވުރެންވެސް އާންމުވެއްޖެއެވެ.

މި ހުރިހާ ކަމެއްގެ މައްޗަށް އެއްޗެއް އެނގުމާއި، މިހާ ގިނަ ނުބައިކަންތައްތައް ފެތުރިގެން ދާ ސަބަބު ހޯދަން މަސައްކަތްކުރުމާއި، ސުވާލުކުރުމާއި، ހޯދާ ބެލުމަކީ ހަމަ ޔަގީނުންވެސް އަހަރެމެން މި ފޮތުގައި ކުރަން ގަސްތުކުރާ ކަންތައްތަކެވެ.

އަހަރެން މި ވާހަކަ ދައްކަނީ އަމަލީ ދިރިއުޅުމުގެ ބަހުރުވައިންނެވެ. އަހަރެން ބޭނުންވަނީ މި ދިރިއުޅުމުގެ ހުތުރު މޫނުމަތީގައި ފޮރުވިފައިވާ ކަންތައްތައް ދެނެގަންނާށެވެ.

އަހަރެން މި ވިސްނަނީ އަޑުހަރުކޮށް، ބުއްދިވެރިންނޭ ބުނާ މީހުން ކޮންމެ އެއްޗެއް ބުނަން ބޭނުންވިޔަސް އެބުނާށެވެ.

ތިއަރީތައް މިހާރު ވަރަށް ފޫހިވެއްޖެއެވެ. އަދި މާރުކޭޓުގައި އެތަކެތި ގަނެވިއްކެވެސް އެބަހުއްޓެވެ. ދެން ކިހިނެއްވާނީ؟

ތިއަރީތައް ހަމައެކަނި ބޭނުންވަނީ އަހަރެމެންގެ ކަންބޮޑުވުންތައް އިތުރުކުރުވައި، ދިރިއުޅުން އިތުރަށް ހިތިކުރުވުމަށެވެ.

ގޯތޭ ހަމަ ރަނގަޅަށް ބުނި ފަދައިން “ހުރިހާ ތިއަރީއެއްވެސް ވަނީ މުޑުވައްވެފައެވެ. ފެހިކަން ހުންނަނީ ދިރިއުޅުމުގައި އެކަންޏެވެ. އެއީ ރަނުގެ މޭވާތަކެއް ހިމެނޭ ގަހެކެވެ.”…

މިހާރު ނިކަމެތި މީހުން ވަނީ އެހާ ގިނަ ތިއަރީތަކުން ވަރުބަލިވެފައެވެ. މިހާރު އެންމެން ވާހަކަ ދައްކަނީ އަމަލީގޮތުން ކަންތައްކުރުމުގެ މައްޗަށެވެ. އަހަރެމެން ބޭނުންވަނީ އަމަލީ ބަޔަކަށް ވެގެން އަހަރެމެންނަށް ލިބޭ ތަކުލީފުތަކުގެ އަސްލު ސަބަބުތައް ދެނެގަންނާށެވެ.